ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ސިވެކްގެ ”އެލްސީ 308“ ލޭންޑިންގ ކްރާފްޓު ބަންޑުން ޖަހާލާފައިވަނީ ޅ. ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރަށް ކަމަށެވެ.
އަދި މި އުޅަނދުގައި ހުރި ބައެއް ސާމާނު މިވަގުތު އިރުމައްޗަށް ވާގޮތަށް އޮޔާދަމުން ދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ފަސިންޖަރުން ޚާއްސަ ސަމާލުކަމެއް ބެހެއްޓުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ، ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށެވެ.
ކިޔުންތެރިންގެ ހިޔާލު