ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

އާޠިފް އެންމެ ކުރީސަފުގައި ގުނާލެވޭ ކާމިޔާބު ފުޓްސަލް ކޯޗެއް

ދިވެހި ފުޓްސަލްގެ ތާރީހުގައި މިއަދު ފަނޑުވުމެއްނެތް ވިދުންގަދަ އެއް ކޯޗަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރައްވާ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާޠިފް މުޙައްމަދު (އާތި) ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ލ. ދަނބިދުއަށް އުފަން އާޠިފަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ނަމޫނާ ދައްކަވަމުންދާ ހީވާގީ އޮފިސަރެއްގެ އިތުރުން، ރާއްޖޭގެ ފުޓްސަލް ކޯޗިންގ ދާއިރާގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އަދި އެންމެ ނަތީޖާ ނެރެދޭ އެއް ކޯޗުންގެ ތެރޭގައި ހިމެނޭ ޒުވާން ކޯޗެެކެވެ. ކޯޗިންގ ދާއިރާގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ، ޑިމާންޑް ބޮޑު ކޯޗެއްވެސްމެއެވެ. އޭނާގެ ފަންނީ ގާބިލިއްޔަތު މިއަދު ވަނީ ގައުމީ ފެންވަރުގައި ބަލައިގަނެފައެވެ. އެގޮތުން، 2026 ވަނަ އަހަރު އަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (ސާފް) ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ އަންހެން ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗުގެ ޒިންމާ އަދާކުރައްވަނީވެސް މި ހުނަރުވެރި އޮފިސަރެވެ.

 

އާޠިފްގެ ކޯޗިންގ ކެރިއަރު ރަސްމީކޮށް ފެށުނީ 2012 ވަނަ އަހަރުއެވެ. ކުޅުންތެރިއެއްގެ ގޮތުގައި ދަނޑުން ފެނުނު ނަމަވެސް، ކުޅިވަރުގެ ރޭވުންތެރިކަމާއި ޓެކްޓިކްސްތަކަށް ހުރި ހާއްސަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން އޭނާ އިހުތިޔާރުކުރީ ކޯޗިންގގެ ދާއިރާއެވެ. މިވީ ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނީ 20 އަށް ވުރެ ގިނަ ޓީމުތަކަށް އިރުޝާދުދީ، ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ފަންނީ ހުނަރުތައް އުނގަންނައިދީ ކާމިޔާބު ހޯދައިދީފައެވެ. އާޠިފްގެ ކޯޗިންގ ފަލްސަފާ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ވަގުތަށް ފަރުވާތެރިވުމާއި، ކުރާ މަސައްކަތަށް އޮންނަ އިހުލާސްތެރިކަމުގެ މައްޗަށެވެ. ކުޅުންތެރިންގެ ފިޓްނަސްއާއި ފަންނީ ހުނަރު ކުރިއެރުވުމަށް ބޮޑު އިސްކަމެއްދޭއިރު، ކޮންމެ ތަމްރީނު ސެޝަނެއް ވެސް ކުރިއަށް ގެންދަނީ ދުރާލައި ފަރުމާކުރެވޭ ސެޝަން ޕްލޭންތަކެއްގެ ދަށުންނެވެ. އަދި ޓީމެއްގެ ބަދަހިކަން އިތުރުކުރުމަށްޓަކައި “ޓީމް ބިލްޑިންގ” ހަރަކާތްތަކަކީ އޭނާގެ ތަމްރީނުތަކުގެ މުހިންމު ބައެކެވެ.

 

އާޠިފްގެ ކޯޗިންގ ކެރިއަރު ފެންނަނީ ކާމިޔާބީގެ ފޮނި ނަތީޖާތަކުން ފުރިގެންވާ ތަަސްވީރެއްގެ ގޮތުގައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ޗެމްޕިއަންކަން ޕޮލިސް ކްލަބަށް ހޯދައިދިނުމާއި، 2022 ވަނަ އަހަރުގެ ރިސޯޓް ލީގާއި ޓެކާސް ކަޕް ބަރޮސް މޯލްޑިވްސްއަށް ކާމިޔާބުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޜަންގެ ތަށި މޯލްޑިވްސް ބިޒްނަސް ސްކޫލަށް ހޯދައިދިނުމާއި، 2024 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފ. އަތޮޅު ޗެމްޕިއަންކަން ބިލެތްދޫ ޓީމަށް ހޯދައިދިނުމަކީ ފާހަގަކޮށްލެވޭ ރެކޯޑުތަކެވެ. ސީޕީ ކަޕްގައި ގަލޮޅު ޕޮލިސް، އެސް.އޯ އަދި ދޫނިދޫ ޓީމާއެކު ހޯދި ކާމިޔާބީތަކަކީ އޭނާގެ މޮޅު އިރުޝާދުތަކުގެ ހެއްކެކެވެ. ރާއްޖޭގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ދިވެހި ސިފައިންގެ ކުލަބް، ޕްރިޒަންސް ކުލަބް އަދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބް ފަދަ ޓީމުތަކަށް އޭނާ ވަނީ ކޯޗުކަން ކޮށްދީފައެވެ.

 

ފުލުހުންގެ ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އާޠިފް “ސްޕޯޓްސް ބީޓް ކްރައިމް” ފަދަ ޕްރޮގްރާމްތަކުގެ ޒަރީއާއިން ޒުވާނުން ކުށްތަކުން ދުރުކުރުމަށް އިޖުތިމާއީ ގޮތުން ބޮޑު ހިދުމަތެއް ކުރެއެވެ. 2012 އިން ފެށިގެން މިހާތަނަށް 1000 އަށްވުރެ ގިނަ ފަރާތްތަކަށް އޭނާ ވަނީ ތަމްރީނު ދީފައެވެ. އަދި ފުލުހުންގެ ހަށިހެޔޮ އިމްތިހާނުގެ މުދައްރިއްބެއްގެ ގޮތުން ކޮންމެ އަހަރަކު ވެސް މާލެއާއި އެކި ރަށްރަށުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އާޠިފް ގަބޫލުކުރާގޮތުގައި ދިރިއުޅުމުގެ މުހިންމު ނިންމުންތައް ނިންމުމާއި ކަންކަން މެނޭޖުކުރުމުގެ ހުނަރު އޭނާއަށް ލިބުނީ ކުޅިވަރުގެ ތަރުބިއްޔަތުގެ ތެރެއިންނެވެ.

ކުޅިވަރުގެ މައިދާނުގައި ކުރިމަތިވާ ގޮންޖެހުންތަކުގައި އާޠިފް އަބަދުވެސް އިސްކަންދެނީ ނާކާމިޔާބީން ފިލާވަޅު ލިބިގަތުމަށެވެ. ކޮންމެ މެޗަކަށްފަހު އެ މެޗެއް އެނަލައިޒްކޮށް، ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމަކީ އޭނާގެ އާދައެކެވެ. އޭނާގެ އަމާޒަކީ ރާއްޖޭން ބޭރުން އިތުރު ތަމްރީނު ހޯދައި، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ތަށި އުފުލައިލުމެވެ.

ޒުވާން ކުޅުންތެރިންނަށް އާޠިފްގެ ހާއްސަ މެސެޖަކީ، ޝައުގުވެރިކަމާއެކު ތަމްރީނުތަކުގައި ބައިވެރިވެ، ހިތްވަރާއެކު ކުރިއަށް ދިއުމެވެ. އަދި ކުޅިވަރުގައި ކުރިއަށް ދިއުމަށްޓަކައި އެންމެ މުހިންމު ސިފައަކީ ރަނގަޅު އަހުލާގު ހިފެހެއްޓުން ކަމުގައި އަބަދުވެސް ނަސޭހަތްތެރިވެއެވެ.

އާޠިފްގެ މި ކާމިޔާބު ދަތުރުގައި އޭނާ މަސައްކަތްކުރާ ޑިޕާޓްމަންޓުގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރަނީ ނުހަނު ޝުކުރުވެރިކަމާއެކުގައެވެ. މީގެ އިތުރުން މަސައްކަތުގެ މާހައުލުގެ އިސްވެރިންނާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ލިބޭ ފުރިހަމަ އެއްބާރުލުމާއި ހިތްވަރަކީ، ވަޒީފާގެ ޒިންމާތަކާއެކު ކޯޗިންގގެ ދާއިރާއިން މިފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް މަގުފަހިވެގެންދާ އެންމެ ބޮޑު ސަބަބުކަން ފާހަގަކުރެއެވެ. ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާޠިފް މުޙައްމަދަކީ ދިވެހި ފުޓްސަލްގެ އުޖާލާ މުސްތަގުބަލެއް ބިނާކުރުމުގައި ހުރި ނަމޫނާ ޝަހުސިއްޔަތެކެވެ.

އެހެނިހެން

ޝައިރީ، ޤުރުއާން ކިޔެވުމުގެ ރޮނގުން އަރަމުން އަންނަ ރަންތަރިއެއް

މާޖިދުގެ ސީޕްލޭން

ގެމަނަފުށީ އިމްޝާ ތާރީޚުގެ ތެރެއަށް!

ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގެ ތަނބު މޫސާ އަންވަރު

TTH_advertisement