ފިނޭސް މިނިސްޓަރ ކަމުގެ މަޤާމުގައި ކުރިން ހުންނެވި ޑރ. މުޙައްމަދު ޝަފީޤު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑަށް ޕީސީބީ އިން އައްޔަން ކުރައްވައިފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ވެބްސައިޓުން ދައްކާ ގޮތުން ޝަފީގު އެޗްޑީއެފްސީގެ ބޯޑަށް އައްޔަންކުރައްވާފައި ވަނީ މި މަހު 2 ވަނަ ދުވަހުއެވެ.
ޝަފީޤު ވަނީ 17 ނޮވެމްބަރ 2023 ގައި މާލީ ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް އެޗްޑީއެފްސީގެ ފައިނޭންސް ހެޑްގެ މަޤާމު އަދާކުރައްވައިފައެވެ. މާލީ ވަޒީރުކަމުން ޝަފީޤު އިސްތިއުފާދެއްވީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. މުޅިރައްޖެ ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އެބޯޑުގެ ޗެއާމަންގެ މަގާމަށްވެސް ޝަފީގު ވަރަށް އަވަހަށް އައްޔަންކުރައްވާނެއެވެ.
އެޗްޑީއެފްސީއަކީ ގެދޮރު ގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، އުފެއްދި ކުންފުންޏެކެވެ. އެކުންފުނި 2008 ވަނަ އަހަރު ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރި ފަހުން ސަރުކާރުގެ ހިއްސާ އަކީ 49 ޕަސެންޓެވެ.
Copyright 2025, Mulhi Raajje | All Rights reserved ©