ކުއްލި ޚަބަރު

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

ޤައުމީ ޕޭމެންޓް ނިޒާމު ވަކި ކުންފުންޏެއްގެ ދަށުން ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެމްއޭ

MMA

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ޤައުމީ ފައިސާގެ މުޢާމަލާތްތަކުގެ ނިޒާމު ޒަމާނީކޮށް ތަރައްޤީކުރުމަށްޓަކައި “ޕޭމެންޓް މޯލްޑިވްސް” ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ.

މި މަޢުލޫމާތު އެމްއެމްއޭއިން ހާމަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ފަވަރަ ނިޒާމާއި އިންޑިއާގެ ޔޫނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލުމާ ބެހޭގޮތުން ނެރުއްވި ބަޔާނެއްގައެވެ. މި ބަޔާނުގައި އެމްއެމްއޭއިން ވިދާޅުވެފައިވަނީ އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މާލީ މުޢާމަލާތްތައް ކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

އެމްއެމްއޭއިން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފައިސާގެ މުޢާމަލާތްތަކުގެ އަސާސީ އޮނިގަނޑު ހަރުދަނާވެ، މާލީ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ. އަދި ފަވަރަ އާއި ޔޫޕީއައި ގުޅުވާލުމުން ފަރުދުންނަށް ރައްކާތެރިކަމާއި އަވަސްކަމާއެކު، އަދި އަގުހެޔޮކޮށް ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މި ޚިދުމަތްތައް ތަޢާރަފުކުރުމަށް ރޭވިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުޙަލާގައި، 2026 ވަނަ އަހަރު ނިމުމުގެ ކުރިން، ދިވެހިރާއްޖެއާއި އިންޑިއާގެ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާ ފޮނުވޭނެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. ދެވަނަ މަރުޙަލާގައި، ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި ކިއުއާރު ކޯޑު މެދުވެރިކޮށް ފަސޭހައިން މުޢާމަލާތްތައް ކުރެވޭނެ ނިޒާމެއް ތަޢާރަފުކުރެވޭނެއެވެ. މި ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ މުޢާމަލާތްތަކުގައި އެ ޤައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރެވޭނެ ގޮތަށެވެ.

އެމްއެމްއޭއިން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި “ޕޭމެންޓް މޯލްޑިވްސް” އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ޤައުމީ ފައިސާގެ މުޢާމަލާތްތަކުގެ ނިޒާމެއް ޤާއިމުކޮށް ހިންގުމަށް އުފައްދާ ކުންފުންޏެކެވެ. މި ކުންފުނިން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އައު އީޖާދީ ޚިދުމަތްތައް ތަޢާރަފުކޮށް، މި ދާއިރާގެ މަސައްކަތްތައް ވިލަރެސްކުރާނެއެވެ. މި މޮޑެލްއަކީ ގިނަ ޤައުމުތަކެއްގައި ކާމިޔާބުކަމާއެކު ތަންފީޒުކުރެވެމުންދާ މޮޑެލްއެކެވެ. މި މަޝްރޫޢު ތަންފީޒުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެމްއެމްއޭއިން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، އެމްއެމްއޭއިން ވަނީ ޤައުމީ ކިއުއާރު ކޯޑު މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރައްވާފައެވެ. މި މަސައްކަތުގެ މަޤްޞަދަކީ ބޭންކުތަކާއި ފައިސާގެ މުޢާމަލާތްތަކުގެ ޚިދުމަތްދޭ އެންމެހައި ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް މިންގަނޑަކަށް ފެތޭ، އެއް ނިޒާމެއްގެ ދަށުން މަސައްކަތްކުރެވޭ ކޯޑުތަކަކަށް ހެދުމެވެ.

މި މަޝްރޫޢުގެ ސަބަބުން ފަވަރަ މެދުވެރިކޮށް ކުރެވޭ މުޢާމަލާތްތައް އިތުރުވެ، ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި ކުރެވޭ ބައިނަލްއަޤްވާމީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތައް ލުއިފަސޭހަވެ، އެމްއެމްއޭގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މާލީ ބައިވެރިވުން އިތުރުކުރުމާއި، ނަގުދު ފައިސާއަށް ބަރޯސާވާޯސާވާ މިންވަރު ދަށްކުރުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ ފައިސާގެ މުޢާމަލާތްތަކުގެ ނިޒާމަށް ގެނެވޭ ބަދަލުތަކަކީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށާއި، މާލީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މި ނިޒާމުގެ ސަބަބުން ރާއްޖޭގެ މާލީ ވިއުގަ ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުވާލެވި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފައިސާގެ މުޢާމަލާތްތައް އަވަސް، ރައްކާތެރި އަދި ފަސޭހަ ގޮތެއްގައި ކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

420166 98146565 e

މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައިފި

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

420166 98146565 e

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

dr.shaheem

މިއީ ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި އެންމެ ގިނަ ޙާފިޡުން ބައިވެރިވި އަހަރު: ޑރ. ޝަހީމް

TTH_advertisement