މަޝްހޫރު ދީނީ އިލްމުވެރިޔާ، އަލްމަރުހޫމް އައްޝައިޚް އިބްރާހީމް ފަރީދު އަހްމަދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ބަންގްލަދޭޝްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދާއި ޢަބްދުއްރަޙްމާން ފަރީދެވެ.
މި ރަސްމިއްޔާތުގައި ޚިދުމަތް ޖަމްޢިއްޔާގެ ޕާޓްނަރު އެންޖީއޯ (އަލް-މަނާހިލް ފައުންޑޭޝަން)ގެ އިސްބޭފުޅުންނާއި އެ ސަރަޙައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ޝެއިޚް ފަރީދު، އަވަހާރަވީ މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށެވެ.
މިއަދު ހުޅުވި މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއީ ގިނަ ބައެއްގެ ދީލަތި އެހީތެރިކަމާއެކު ބިނާކުރި މިސްކިތެކެވެ.
ޝައިޚް ފަރީދުގެ ހަނދާނުގައި ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ވެސް މިސްކިތެއް ބިނާކުރަން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު