ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ މަންމާފުޅުގެ ހަނދާނުގައި ނ. ކެނދިކުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.
“މަސްޖިދު ޝަމީމާ ޢަބުދުﷲ”ގެ ނަމުން ނަން ދީފައިވާ އެ މިސްކިތް ހުޅުއްވައިދެއްވީ ސިޔާމާއި ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފެވެ.
މިއީ ކެނދިކުޅުދޫ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ދަތުރުވެރީންނަށް ޚާއްޞަކޮށް އެ ރަށުގެ ބަނދަރުމަތީގައި ބިނާކުރި މިސްކިތެކެވެ.
މި މިސްކިތް އަޅުއްވައިދެއްވައިފައި ވަނީ ސިޔާމްގެ އަމިއްލަ ޚަރަދުގައި ކައުންސިލުން ފޮނުވި ކުރެހުމާ އެއްގޮތަށް، ކައުންސިލުން އެދުނު ގޮތަށެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ސިޔާމްގެ އާއިލާގެ ވަރަށް ގިނަ ބޭފުޅުންނާއި އެ އަތޮޅު ކުޑަފަރީގެ ވަރަށް ގިނަ ރައްޔިތުންނާއި ކެނދިކުޅުދޫގެ ވަރަށް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތެވެ.
މި މިސްކިތަކީ އެ ރަށުގައި ބޭއްވި ފުޓުބޯޅަ މުބާރާތެއް ޝަރަފުވެރިކޮށްދެއްވުމަށް އެ ރަށަށް ސިޔާމް ވަޑައިގަތުމުން އެ ރަށުގެ ކައުންސިލުގެ ރައީސް ރައޫފާއި އެ ރަށުގެ ކަމުވޮށިގެންވާ އިސް ބޭފުޅުންގެ އެދިވަޑައިގަތުމަށް އެ ރަށުގައި ސިޔާމް ބިނާކޮށްދެއްވި މިސްކިތެކެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ކެނދިކުޅުދޫއަކީ ވަރަށް ގިނަ ދަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށް ވާތީ، އެ ސަރަހައްދުގައި މިސްކިތެއް ނެތުމަކީ އެ މީހުންނަށް ފޯރާފައިވާ ދައްޗެއް ކަމަށެވެ. އަދި ޚާއްސަކޮށް އެ ސަރަހައްދުގައި މިހާރު އަޅަމުންދާ ހޮސްޕިޓަލު ނިމުމުން އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ މީހުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ މިސްކިތެއް ނެތުމަކީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަރަށް ބޮޑު ދައްޗަކަށް ވާނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދު އެ ދަތިކަން ފިލައި އެ ދިޔައީ ސިޔާމް އަމިއްލަ ޚަރަދުގައި އެ ތަނުގައި އަޅުއްވައިދެއްވި މިސްކިތުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާމްގެ ބައްޕާފުޅު މުހައްމަދު ގާސިމްގެ ހަނދާނުގައި އިއްޔެ ވަނީ ކުޑަފަރީ ބަނދަރު ސަރަހައްދުގައި ބިނާކުރި މިސްކިތް ވެސް ހުޅުއްވައިދެއްވާފައެވެ. އަދި ކުޑަފަރީގައި ވެސް ވަނީ މީގެކުރިން ސިޔާމްގެ މަންމާފުޅުގެ ހަނދާނުގައި މިސްކިތެއް ބިނާކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު